ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަލުން ހުޅުވާލައިފި
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 3:28
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު މި މަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އެއާއެކު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޕެންޝަން އޮފީހުން މިމަހުގެ ދެވަނަ ދުވަހު ހުޅުވާލި އެވެ. ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށާއި މިމަހުގެ ދެވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓްކޮށް، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.
މީގެ އިތުރުން ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ.