ރޯދަމަހު މާލެ ސަރަހައްދުގައި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 3:44
ރޯދަމަހު ގްރޭޓާ މާލެ ސަރަހައްދުގައި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓާ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅާފަ އެވެ. އެ ގޮތުން ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 8:00 އަށް ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން ވަނީ މަނާކޮށްފަ އެވެ. ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާކޮށްފައިވަނީ ހަވީރު 4:30 އިން ރޭގަނޑު 8:00 ގެ ނިޔަލަށެވެ. މި އެންގުމާއި ހިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަން އެ މިނިސްޓްރީން ވަނީ ހަނދާކޮށްދީފަ އެވެ.