ތާރިގު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 7:17
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިހާބު ވެވަޑައިގެންނެވި ތާރިގު ރަހްމާން މަގާމުގެ ހުވާކުރެއްވުމާއި އާ ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ޑާކާގެ ނޭޝަނަލް ޕާލިމަންޓްގަ އެވެ. ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަގާމުގެ ހުވާ ލައިދެއްވީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރު ރަޙްމާނާ ބައްދަލުކުރައްވާފަ އެވެ. ބަންގްލަދޭޝްގައި މި މަހުގެ 12 ވަނަ ދުވަހު ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީގެ ޗެއާމަން ތާރިޤް ރަޙްމާންގެ ލީޑަޝިޕްގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ތާރިޤް ރަޙްމާން ވެވަޑައިގެންފައިވަނީ 1991 ވަނަ އަހަރަށްފަހު އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފިރިހެން ބޭފުޅާއަށެވެ.