ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

އަވަސް

17 ފެބްރުއަރީ 2026 | އަންގާރަ | 7:23

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބު ވެވަޑައިގެންނެވި ތާރިގު ރަޙްމާނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ މަޤާމުގެ ހުވާކުރެއްވުމާއި އާ ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށްފަހު އެވެ. މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގައި މިމަހުގެ 12 ވަނަ ދުވަހު ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާރިގު އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވި އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ސިއްހީ، ތިމާވެށި، މަތީ ތަޢުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. މިއީ ރައީސް މުއިއްޒު ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގަ އެވެ.

މައުޟޫޢުތަށް