މާފުށި ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

އަވަސް

17 ފެބްރުއަރީ 2026 | އަންގާރަ | 11:00

ކ. މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އާ ނަރުދަމާ ނިޒާމު ގާއިމްކުރުމާއި އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވާ ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި ސީނިއަ މެނޭޖްމަންޓް ޓީމް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި މަޝްރޫއުގެ ދަށުން ކ. މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި ގޭގޭގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ. އެމްޑަބްލިޔުއެސްސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި ސީއައުޓްފޯލް އެއް އެޅުމާއި ދުވާލަކު 1،500 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3،500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ ދެ ޓޭންކު ބެހެއްޓުމާއި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ޕީވީ ސިސްޓަމްތައް ގާއިމްކުރުން ހިމެނެ ކަމަށެވެ.

މީގެއިތުރުން މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އާ ނަރުދަމާ ނިޒާމެއް ގާއިމުކުރުމާއި ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި ނަރުދަމާ އައުޓް ފޯލްއެއް އެޅުމާއި ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ. ކ. މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމާއި އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއަކީ އެމްޑަބްލިޔުއެސްސީ އާއި ސަރުކާރު ހިއްސާވާ ގޮތަށް ކޯ-ފައިނެސިން އުސޫލުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫއަށް އެމްޑަބްލިޔުއެސްސީ ޖުމްލަ 88.8 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާއިރު ސަރުކާރުން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ 186 މިލިއަން ރުފިޔާ އެވެ. މިމަޝްރޫއުގެ މަސައްކަތްތައް ނިމުމުން މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދާއި އަލަށް ހިއްކާފައިވާ ސަރަޙައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

މައުޟޫޢުތަށް