ފުލުހުންގެ ހިދުމަތުން ނަވީން ރިޓަޔާ ކުރައްވައިފި
އަވަސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 10:05
ފުލުހުންގެ ހިދުމަތުން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ރިޓަޔާ ކުރައްވައިފި އެވެ.
ރިޓަޔާ ކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ. އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާ މެދު އޮތް އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި އޮތުމުން ކަމަށް ނަވީން ވިދާޅުވި އެވެ. ނަވީން ރިޓަޔާ ކުރަން ނިންމަވާ ރަސްމީކޮށް ސިޓީ ފޮނުއްވެވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ފުލުހުންގެ އިސް ބޭފުޅުންނަށް ނަވީން ފޮނުއްވި މެސެޖުގައި ވިދާޅުވީ ރިޓަޔާކުރަން ނިންމީ ފުންކޮށް ވިސްނުމަށްފަހު ކަމަށާއި ރިޓަޔާ ކުރުމުގެ ވިސްނުން ގެންގުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުން ދުރުވެ، މުއައްސަސާގެ ލީޑަޝިޕް އޮމާންކަމާއެކު ބަދަލުވާން ފުރުސަތު ދޭން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަވީންގެ މެސެޖުގައި ވިދާޅުވި އެވެ. ސީޕީގެ މަގާމަށް ނަވީން އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.