ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ފަރުހާދުއާ ހަވާލުކޮށްފި
އަވަސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 10:20
ފުލުހުންގެ ހިދުމަތް ވަގުތީ ގޮތުން ހިންގެވުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ ހިދުމަތް ވަގުތީ ގޮތުން ހިންގުން ފަރުހާދުއާ ހަވާލުކޮށްފައި މިވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އިއްޔެ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުންނެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިއްޔެ އިން ފެށިގެން ފުލުހުންގެ ހިދުމަތް ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ކަނޑައަޅުއްވާފައިވާ ކަމަށެވެ. ޑީސީޕީގެ މަގާމަށް ފަރުހާދު އައްޔަން ކުރެއްވީ ފެބްރުއަރީ 16، 2024 ގަ އެވެ. ފަރުޙާދު ފިކުރީ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މާޗް 30، 1991 ގައެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ފަރުހާދު ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ މަގާމު ގައެވެ.