އަމީން މިއާގެ މަރު: ބިދޭސީ މީހާގެ ބަންދަށް 45 ދުވަސް

އަވަސް

19 ފެބްރުއަރީ 2026 | ބުރާސްފަތި | 10:56

ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސްރީލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ (32އ) އެވެ. ހެޝަންގެ ބަންދަށް ކްރިމިނަލް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ދިނީ 7 ދުވަހެވެ. އޭގެ ފަހުން ދިން 10 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 45 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އޭނާއަކީ އަމީން މިއާގެ ގައިގައި ޖެހުނު އެކްސްކަވޭޓަރު ދުއްވި މީހާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. ހެޝަން ބަންދާމެދު ގޮތެއް ނިންމާ ކޯޓުން މީގެ ކުރިން ނެރުނު އަމުރެއްގައި ބުނީ ހެއްކެއްގެ ބަޔާނަށް ބަލާއިރު އޭނާ ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ހެޝަން މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ހާދިސާގެ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓް ހުށަހަޅާފައިވެ އެވެ. އަމީން މިއާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަމީން މިއާ މަރުވީ ޖެނުއަރީ 26 ވަނަ ދުވަހު މެންދުރު ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް އޭގެ ދަތްގަނޑުން ޖެހި ވެއްޓި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އަމީން މިއާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގަ އެވެ. ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް