މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި
އަވަސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 12:21
މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އަހުމަދު ފައިރިޝް (43އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާ ކަމަށެވެ. އެ ގޮތުން ހެއްކެއްގެ ބަޔާނުން އޭނާ އަނިޔާ ދޭނެ ކަމުގެ އިންޒާރު ދީފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އަހުމަދު ފައިރިޝްގެ ކުށުގެ ރެކޯޑަށް ބަލާއިރު އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި އިންޒާރު ދިނުމާއި އަނިޔާދީ މާރާމާރީ ހިންގުމުގެ މައްސަލަ ހިމެނެ އެވެ. މީނާ އިންޒާރުދީފައި ވަނީ އެކި އަނިޔާތައް ދޭނެ ކަމަށް ބުނެ ކަމަށްވާއިރު މި ބާވަތުގެ މައްސަލަތަކެއްގެ ރެކޯޑް ހުރުމުން ފައިރިޝް މި ބާވަތުގެ އަނިޔާއެއް ދިނުމުގެ ކުށެއް ކުރުމުގެ އިހްތިމާލު ވުޖޫދުވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.