ދެ ހަރަމްގައި އިއުތިކާފަށް ތިބުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި
އަވަސް
21 ފެބްރުއަރީ 2026 | ހޮނިހިރު | 11:23
މަސްޖިދުލް ހަރަމް އާއި މަސްޖިދުއް ނަބަވީގައި ރޯދަމަހު އިއުތިކާފަށް ތިބުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެ ދެ މިސްކިތުގެ ކަންކަން ބަލަހައްޓާ ސައުދީ އަރަބިއްޔާގެ އިދާރާއިން ހުޅުވާލައިފި އެވެ.
އެ އޮތޯރިޓީން ބުނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިއުތިކާފަށް ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އިއުތިކާފަށް ތިބުމަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ޕޯޓަލްއަށް ލޮގިންވާންޖެހެ އެވެ. ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް "ނަފާޒް" ޕްލެޓްފޯމް މެދުވެރިކޮށްވެސް ލޮގިން ވެވޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. އިއުތިކާފަށް ތިބުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި މަސްޖިދުލް ހަރަމް ނުވަތަ މަސްޖިދުއް ނަބަވީ މީގެ ތެރެއިން އިއުތިކާފަށް އިށީންނަން ބޭނުންވާ މިސްކިތެއް އިހުތިޔާރުކޮށް ކަނޑައެޅިފައިވާ ޝަރުތުތަކަށް އެއްބަސްވުމަށްފަހު ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންޖެހެ އެވެ. އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ، ހުށަހަޅާ ފޯމުތައް މުރާޖައާ ކުރާނީ އެ ފުރުސަތު ދެވެން އޮތް ޖާގައަށް ބަލައިގެން ކަމަށާއި އިއުތިކާފަށް ހޮވޭ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދީ އަދި އެކަމާ ގުޅޭ އިތުރު ތަފުސީލުތައް އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ.