ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްގާނިސްތާނަށް ހަމަލާތަކެއް
އަވަސް
22 ފެބްރުއަރީ 2026 | އާދިއްތަ | 10:09
ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްގާނިސްތާނުގެ ބައެއް ސަރަޙައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާތަކަކީ ދާދިފަހުން ޕާކިސްތާނުގައި ދީފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ "ކޭމްޕްތަކާއި ފިލައިގެން ތިބޭ ތަންތަނަށް" އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމަށް ޕާކިސްތާނުން ބުނެ އެވެ. ޕާކިސްތާނުގެ ހަމަލާތައް ކުށްވެރިކޮށް އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނީ ސްކޫލުތަކާއި އާންމުންގެ ގެތަކަށް ޕާކިސްތާންގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. މި ހަމަލާތަކުގައި މަދުވެގެން 17 މީހުން މަރުވެފައިވާއިރު މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުން ބުނީ އިސްލާމްއާބާދާއި ހުޅަނގުއުތުރު ބަޖައުރް އަދި ބަންނޫ ޑިސްޓްރިކްޓްގައި ދާދިފަހުން ދިން ހަމަލާތަކަކީ އަފްގާނިސްތާނުގައި ތިބި ލީޑަރުންގެ އިރުޝާދުގެ ދަށުން ދީފައިވާ ހަމަލާތަކެއް ކަމުގެ "ސާފު ހެކި" އެބަހުރި ކަމަށެެވެ. އަފްގާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާދިނުން ހުއްޓުވުމަށް ތާލިބާން ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފައިވާނެ ކަމަށާއި، ނަމަވެސް އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށްވެސް ޕާކިސްތާނުން ތުހުމަތުކުރެ އެވެ.