މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަވަސް
22 ފެބްރުއަރީ 2026 | އާދިއްތަ | 11:02
މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ޅ. ކުރެންދޫ، ބޮޑުގަސްދޮށުގެ، އަބްދުﷲ ޝަރީފް (48އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އޭނާގެ ބަންދަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހަށެވެ. މޯލްޑިވްސް ޑިޖިޓަލް ސާވިސް ތެރެއަށް ވަދެ ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުﷲ ޝަރީފް އިމާރާތުގެ ކެމެރާ ޑައިރެކްޝަން ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި އޭނާ ފެނުނުއިރު އިނީ ރޯދަމަހު ދުވާލު ވަގުތުގައި ކާން ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އޭނާ ކައިރީގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި ރޫޅާލަން ބޭނުންކުރާ ޓޫލްސް ފެނިފައިވާކަން ކޯޓު އަމުރުގައި ބުނެފައިވެ އެވެ. ސީންގައި ފުލުހުން އަބްދުﷲ ޝަރީފްއާ ސުވާލުކުރުމުން އޭނާ ފުރަތަމަ ބުނީ އެތަނަށް ވަނީ ވަރުބަލިވެގެން އަރާމުކޮށްލުމަށް ކަމަށެެވެ. ފަހުން ބުނެފައިވަނީ އޭނާ އާއި އިތުރު ދެ މީހަކު ވެގެން ވައްކަން ކުރި ކަމަށާއި އެ ދެ މީހުން ފިލާފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތުގައި ތުހުމަތަށް އިންކާރުކޮށް އަބްދުﷲ ޝަރީފް ތަރުކުރާރުކޮށް ބުނެފައިވަނީ އޭނާ އެ ތަނަށް ވަނީ ވަރުބަލިވެގެން ކަމަށެވެ. އަބްދުﷲ ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމާއި ހައްޔަރު އަދި ބަންދު ގިނަކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ ޝަރީއަތުން އޭނާއަށް ނަސޭހަތްތެރިވުމުން އަބްދުﷲ ޝަރީފް ވަނީ ދިރިއުޅޭނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ކަމަށާއި ވަޒީފާއެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ނިދަނީ މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމަށް ބުނެފަ އެވެ. މައްސަލައިގައި އައިއޯ ބުނީ މީގެ ކުރިންވެސް އޭނާ އުފަން ރަށަށް ބަދަލުވުމަށް އެދިގެން އެކަން ފަހިކޮށްދިން ކަމަށެވެ. ނަމަވެސް ރަށަށް ބަދަލު ނުވެވުނީ ޖޯއްޔެއްގައި ނިދާފައި އޮއްވާ ޖީބު ކީހާލައިގެން ފައިސާ އާއި ފޯނު ވަގަން ނެގުމުން ކަމަށް އަބްދުﷲ ޝަރީފް ވަނީ ބުނެފަ އެވެ.