ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

އަވަސް

22 ފެބްރުއަރީ 2026 | އާދިއްތަ | 1:58

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނީ މާލޭގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިއަދުން ފެށިގެން މާޗް 9 ވަނަ ދުވަހަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އަދި މާޗް 10 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ. ރަށްރަށުގައި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ކައުންސިލް އިދާރާ އިން ކަމަށާއި ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށްޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލް ކަމަށްވެސް ޒަކާތު ހައުސް އިން ބުންޏެވެ. ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފަ އެވެ. އެގޮތުން ޖުމްލަ ހަތް އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ޒަކާތު ހައުސް އިން ބުނީ ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށެވެ

މައުޟޫޢުތަށް