ތިން ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން އިތުރު ފުރުސަތު
އަވަސް
22 ފެބްރުއަރީ 2026 | އާދިއްތަ | 3:16
ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
މި ގޮތުން އެކުލަވާލަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ،" އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އެވެ. މި ކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އެ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މި ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލި އެވެ. ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިތުރު ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން މާޗް 3 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ. އަދި ކުރީގެ އިއުލާނާ ގުޅިގެން ހުށަހެޅި ހުށަހެޅުންތައް ބަލައިގަނެފައިވާ ކަމަށެވެ.
މި ކޮމިޓީއަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުން (ޓޫރިސްޓް ހޮޓާ / ރިސޯޓް / ގެސްޓްހައުސް އޮޕަރޭޓަރުން، ޓްރާންސްޕޯޓް އޮޕަރޭޓަރުން-އެއާލައިން އެއާޕޯޓްތައް، ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓަރުން، ޓްރަވެލް އެޖެންސީތައް) 4 މެންބަރުން އައްޔަންކުރާއިރު ފަތުރުވެރިކަމުގެ ދާއިރާގެ އިލްމީ / ފަންނީ ތަޖުރިބާކާރެއް އައްޔަންކުރެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަދަނީ ޖަމުޢިއްޔާ ޖަމާއަތަކުން މެންބަރެއްވެސް މި ކޮމިޓީގައި ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގައި ހިންގަމުންގެންދާ ރިސޯޓް / ގެސްޓްހައުސް / ސިޓީ ހޮޓާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ތިރީގައިވާ ދާއިރާތަކުން ވަޒީފާއަދާކުރާ ފަރާތްތައް ކޮމިޓީއަށް އައްޔަންކުރަން ވަނީ ނިންމާފަ އެވެ.