ސީ ޓު އެއާ މެދުވެރިކޮށް މިދިޔަ މަހު 140 ޓަނުގެ ކާގޯ އުފުލައިފި
އަވަސް
22 ފެބްރުއަރީ 2026 | އާދިއްތަ | 5:35
ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިދިޔަ ޖެނުއަރީ މަހު 140 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިދިޔަ މަހު ފަސް އެއާލައިނަކުން ހަ ގައުމަކަށް މުދާ އުފުލާފައިވާ ކަމަށެވެ. އެއީ 20 ފޫޓުގެ 26 ކޮންޓޭނަރުގެ މުދަލެވެ. ނަމަވެސް، މިއީ މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު މަދު އަދަދެކެވެ. ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިދިޔަ ޑިސެމްބަރު މަހު 329 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލި އެވެ. އެ ގޮތުން 10 އެއާލައިނަކުން 20 ގައުމަކަށް މިދިޔަ ޑިސެމްބަރު މަހު މުދާ އުފުލާފައިވެ އެވެ. ފާއިތުވި ޖެނުއަރީ މަހު މުދާ އުފުލި އެއާލައިންތަކުގެ ތެރޭގައި ވާޖިން އެޓްލާންޓިކް، އިއްތިހާދު، ލުފްތަންސާ، ޓާކިޝް އެއާލައިންސް އަދި ސުވިސް ހިމެނެ އެވެ. އެމްޕީއެލުން ބުނި ގޮތުގައި މުދާ އުފުލި ގައުމުތަކުގެ ތެރޭގައި އިޓަލީ، އެމެރިކާ، ތުރުކީ އަދި ޔޫކޭ ހިމެނެ އެވެ. މި ހިދުމަތަކީ ކަނޑު މަގުން ރާއްޖެއަށް އަންނަ މުދާ ރާއްޖޭގައި ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމުގެ ގޮތުން ދޭ ހިދުމަތެކެވެ.