އަލީ އެކްސްޕްރެސްއާއި އެމޭޒަން ބްލޮކެއް ނުކުރަން: ބީއެމްއެލް

އަވަސް

22 ފެބްރުއަރީ 2026 | އާދިއްތަ | 9:00

އަލީއެކްސްޕްރެސް އާއި އެމޭޒަން ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބްލޮކް ކުރި ކަމަށް ކަމަށް ބުނާ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި އެވެ. ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށް ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ކާޑުގެ މުއާމަލާތްތައް ފެއިލްވުމުގެ އަސްލަކީ ކަސްޓަމަރުގެ ކާޑަށް ހަމަޖައްސާފައިވާ ލިމިޓަށް ވުރެ އިތުރަށް މުއާމަލާތްކުރަން އުޅުން ކަމަށް ބުންޏެވެ. ބީއެމްއެލްގެ ބަޔާނުގައި ވަނީ އަލީ އެކްސްޕްރެސް އެމޭޒަންގައި އެ ބޭންކުގެ ކަސްޓަމަރުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް ވިޔަފާރި މުއާމަލާތްތައް ހިންގާފައިވާ ގޮތުގެ ތަފާސް ހިސާބުވެސް ހާމަކޮށްފަ އެވެ. އެގޮތުން ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހަމައެކަނި އަލީއެކްސްޕްރެސް އާއި އެމޭޒަންގައި 58،000 މުއާމަލާތްކޮށް، 2.33 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެ އެވެ. ބީއެމްއެލް އިން ބުނީ އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވެފައިވާ ކަމަށް ބޭންކަށް ފާހަގަވާ ކަމަށެވެ. ކަސްޓަމަރަށް ލިބޭ ކަމަށް ބުނާ އާމްދަނީއަށް ވުރެ ބޮޑު އަދަދުތަކުން ކާޑު ބޭނުންކޮށްގެން މުއާމަލާތްތައް ކުރުމަށް މަސައްކަތް ކުރާކަންވެސް ބޭންކުން ފާހަގަކުރެ އެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ އެ ބޭންކު މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް 66 ޕަސަންޓް މުއާމަލާތްކޮށްފައިވަނީ އީކޮމާސް ވެބްސައިޓްތަކުގައި ކަމަށެވެ.

މައުޟޫޢުތަށް