ވައުދުތައް ފުއްދޭނީ ޕީއެންސީ ކެންޑިޑޭޓުން ހޮވައިގެން: ރާފިއު

އަވަސް

23 ފެބްރުއަރީ 2026 | ހޯމަ | 9:39

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ނޫނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން ރައީސް މުއިއްޒު އިންތިހާބު ކުރީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރާ ކައުންސިލަރުންތަކެއް ހޮވައިފިނަމަ ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމަށްވެސް ވިދާޅުވި އެވެ. "ހަމަ ޔަގީނުންވެސް ވަރަށް ދަތިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. ރާފިއު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްޓަކައި ރައީސްއާ އެކު ކުރިއަށް ދެވޭނެ ފިކުރާއި ޚިޔާލުގެ ބަޔަކު ކައުންސިލްތަކަށް އިންތިހާބު ކުރުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު ފުންކޮށް ވިސްނުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެވޭނީ ޕީއެންސީގެ ކައުންސިލަރުން ރަށްތަކަށް އިންތިހާބުކޮށްގެން ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދީފައިވާ އޯގާތެރި ބައެއް ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް