ދިރިއުޅޭ ސަރަހައްދެއްގެ ގޮތުން މުސާރައިގެ ތަފާތުތަކެއް ގެންނަނީ
އަވަސް
23 ފެބްރުއަރީ 2026 | ހޯމަ | 10:41
ރާއްޖޭގައި ދިރިއުޅޭ ސަރަހައްދެއްގެ ގޮތުން މުސާރައިގެ ތަފާތުތަކެއް ގެނައުމަށް ނިންމައިފި އެވެ.
މިކަން ހާމަކުރީ ނޭޝަނަލް ޕޭ ކޮމިޝަނުން ވޭތުވެދިޔަ ފަސް އަހަރުން ހާސިލުކުރެވުނު ނަތީޖާ އާއި ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒުތަކާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގަ އެވެ. ރާއްޖޭގައި ދިރިއުޅޭ ސަރަހައްދެއްގެ ގޮތުން މުސާރައިގެ ތަފާތު ގެނައުމަށް ބޭނުންވާ ފުރިހަމަ ތަފާސްހިސާބު މިހާތަނަށް ގަވާއިދުން އެއްކުރެވިފައި ނުވި ނަމަވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ލޭބަ މާކެޓް ސާވޭގައި މުސާރައިގެ ތަފާތުތައް ގެނައުމަށް ބޭނުންވާނެ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ. ދިރިއުޅޭ ސަރަހައްދެއްގެ ގޮތުން މުސާރައިގެ ތަފާތު ގެނައުމަކީ ވަރަށް "ކޮމްޕްލެކްސް" ކަމެއްކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ އެފަދަ ތަފާތުތައް ގެނައުމަށް އެކަށީގެންވާ މައުލޫމާތަކީ މުހިންމު އެއްޗެއް ކަމަށެވެ. އެހެންވެ އެފަދަ މައުލޫމާތު ގަވާއިދުން ލިބޭނެ އިންތިޒާމެއްގެ ދަށުން ދިރިއުޅޭ ސަރަހައްދެއްގެ ގޮތުން މުސާރައިގެ ތަފާތުތައް ގެންނާނެ ގޮތްތަކެއް ކަނޑައެޅުމަށް ރާވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.