ބޯހިޔާވަހިކަމަށް އެދި 5،000 އަށްވުރެ ގިިނަ ފޯމު
އަވަސް
23 ފެބްރުއަރީ 2026 | ހޯމަ | 11:38
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 5،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ފްލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުވާލިފަހުން މިހާތަނަށް ފްލެޓަށް އެދި 3،434 މީހުން އަދި ގޯއްޗަށް އެދި 1،633 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މާލޭގެ ރަށްވެހިންނަށް 10،000 ބިން ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 7،000 ބިމަކީ އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދޫކުރާ ބިމެވެ. 1،000 ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. އަދި 2،000 ބިން ދޫކުރަނީ ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ.