ޖޭއެސްސީގެ މެންބަރު ކަމަށް ހަސަން ޝަފީއު އައްޔަންކުރައްވައިފި

އަވަސް

23 ފެބްރުއަރީ 2026 | ހޯމަ | 12:14

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކ. ދިއްފުށި، ސްވީޓްމީޑް ހަސަން ޝަފީއު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަސަން ޝަފީއު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ. ހަސަން ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ހަސަން ޝަފީއުއާއި ހަވާލުކޮށްދެއްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ، ޖޭއެސްސީގެ މެންބަރު ކަމަށް ހަސަން ޝަފީއު އައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި ޤާނޫނު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

މައުޟޫޢުތަށް