އެމްޑީޕީ ދެން ކޮޅަކަށް ނުޖެހޭނެ: ފަލާހް
އަވަސް
24 ފެބްރުއަރީ 2026 | އަންގާރަ | 9:42
އިދިކޮޅު އެމްޑީޕީ ދެން އަލުން ކޮޅަށް ނުޖެހޭނެ ކަމަށާއި އެމްޑީޕީ ފިކުރުގެ ބޭފުޅުން ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާނަމަ އޮތް ގޮތްތަކީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓޫންގެ މާލެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ފަލާހް ވިދާޅުވީ ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ގެއްލިފައިވާތީ އެ ޕާޓީގެ މުސްތަގުބަލެއް މިހާރު ނެތް ކަމަށެވެ. އެމްޑީޕީން ވަނީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލައި އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ. "އެމްޑީޕީއަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ 2008 ވަނަ އަހަރުން ފެށިގެން ދައުލަތަށް އެމްޑީޕީން ގެއްލުން ދީފައި ވާތީ ރައްޔިތުންގެ އިތުބާރު ގެއްލި ކުރިމަތިވެފައިވާ ހާލަތެއް،" ފަލާހް ވިދާޅުވި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ފަލާހް ވިދާޅުވީ އެ އިންތިހާބުގައި އެމްޑީޕީ މިހާރުވެސް ބަލިވެފައިވާ ކަމަށެވެ. އެގޮތުން ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން އެއްގޮތަކަށްވެސް ވާދަނުކުރާ 450 ގޮނޑި މިހާރުވެސް އެބައޮތް ކަމަށެވެ. އެއީ ވާދަކުރާނެ ކެންޑިޑޭޓޫން އެމްޑީޕީއަށް ނުލިބިގެން ދިމާވި މައްސަލައެއް ކަމަށްވާތީ އެކަމުގައި ރައްޔިތުން ފުންކޮށް ވިސްނުމަށްވެސް އެދިވަޑައިގެންނެވި އެވެ. މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވައިގެން ހުންނެވި މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމުގެ ކެމްޕޭންގައި ދޮރުން ދޮރަށް ހިނގާލާނެ އެމްޑީޕީގެ މީހަކުވެސް ނުވި ކަމަށް ދޭހަވާ ގޮތަށްވެސް ފަލާހް ވަނީ ވާހަކަދައްކަވާފަ އެވެ. "ކައިރީގައި ނެތް އެކަކު ވެސް. މުޅި އެމްޑީޕީ މިއޮތީ ބައިބައިވެ، ފެކްޝަން ހެދިފައި،" ފަލާހު ވިދާޅުވި އެވެ. ފަލާހް އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބޭ އެއް ޕާޓީ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް އެ ޕާޓީން ހަރަދު ނުކޮށް އެ ފައިސާ ޕާޓީގެ ބޮޑުންގެ ބޭނުންތަކަށް ހަރަދުކުރަމުންދާ ކަމަށްވެސް ފަލާހް ވަނީ ތުހުމަތު ކުރައްވާފަ އެވެ.