ޕްލާސްޓިކް ކޮތަޅު ފީ އާމްދަނީ ދަށަށް
އަވަސް
24 ފެބްރުއަރީ 2026 | އަންގާރަ | 10:43
ޕްލާސްޓިކް ކޮތަޅު ފީ އިން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 496،500 ރުފިޔާ އެވެ. މިއީ ފާއިތުވި އަހަރުގެ ޖެނުއަރީ މަހު ކޮތަޅު ފީ ގެ ގޮތުގައި ލިބުނު 667،250 ރުފިޔާއަށްވުރެ 25.5 ޕަސެންޓް ދަށް އަދަދެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ޕްލާސްޓިކް ކޮތަޅު ފީ ގެ އާމްދަނީ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރުވެސް ދަށަށް ގޮސްފަ އެވެ. ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބުނުއިރު 2024 ވަނަ އަހަރު 9.1 މިލިއަން ރުފިޔާ ލިބުނެވެ. ޕްލާސްޓިކް ކޮތަޅުގެ ފީއަކީ ރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ނަގާ ފީ އެކެވެ. މި ފީ ނަގަން ފެށީ އެޕްރީލް 18، 2023 އިން ފެށިގެންނެވެ. ފީ ގެ ގޮތުގައި ނަގަންޖެހެނީ ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާ އެވެ.