ޗައިނާ ފަތުރުވެރިން އިތުރު، އިންޑިއާގެ އަދަދު ދަށަށް

އަވަސް

25 ފެބްރުއަރީ 2026 | ބުދަ | 9:33

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވިއިރު އިންޑިއާ ފަތުރުވެރިންގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 70،634 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 56،461 ފަތުރުވެރިންނަށްވުރެ 25 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމްލަ 433،413 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 16.3 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ. ޗައިނާގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ބައެއް ގައުމުތަކުން އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިން ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފަ އެވެ. އެ ގޮތުން ރަޝިއާއިން މިދިޔަ އަހަރުގެ މި މުއްދަތުގައި 39،271 ފަތުރުވެރިން ޒިޔާރަތްކުރިއިރު މި އަހަރު 48،909 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އިޓަލީ ފަތުރުވެރިންގެ އަދަދު 36،220 އިން 42،512 އަށް އިތުރުވެފައިވާއިރު އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އަދަދު 38،576 އިން 39،680 އަށް އިތުރުވި އެވެ. ޖަރުމަނު ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 23،966 ގަ އެވެ. މި އަދަދު މި އަހަރުގެ މި މުއްދަތުގައި 25،993 އަށް އިތުރުވި އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާ އާއި ފްރާންސުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޑިއާ އިން 18،686 ފަތުރުވެރިން އަދި ފްރާންސުން 16،364 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ފްރާންސުން މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރީ 15،742 ފަތުރުވެރިންނެވެ. އަދި އިންޑިއާއިން ޒިޔާރަތްކުރީ 15،358 ފަތުރުވެރިންނެވެ.

މައުޟޫޢުތަށް