މޯލްޑިވްސް 2.0 އާއެކު އާމްދަނީގެ މަގުތައް ފަހިވާނެ: ރައީސް

އަވަސް

26 ފެބްރުއަރީ 2026 | ބުރާސްފަތި | 12:52

މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލްވެ ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ ހިދުމަތްތައް ހޯދައި އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު ދިވެހިންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް މުއިއްޒު ވަނީ ވޭތުވި ދެ އަހަރުދުވަހު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރުބާރުތަކާއި ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމާއި ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ހަގީގަތަކަށް ވެފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. "ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފުރިހަމަކުރާނަން. މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ގަވާޢިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް