ޕީއެންއެފް ކެންޑިޑޭޓެއް ހެއްޔެވެ؟ ގައުމީ ކެންޑިޑޭޓެއް ހެއްޔެވެ؟

އަވަސް

26 ފެބްރުއަރީ 2026 | ބުރާސްފަތި | 5:09

ދައްކާ މީހުން ދައްކަނީ ގައުމީ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ބުނާ މީހުން ބުނަނީ އެއީ ގައުމީ ކެންޑިޑޭޓެއް ކަމަށެވެ. އެކަމަކު ގައުމީ ކެންޑިޑޭޓެއްގެ ކުރިމަތިންނާއި ފަހަތުންނާއި އަރިމަތިން ފެންނަނީ ތަފާތު މަންޒަރެކެވެ.

ދައްކަން އުޅޭ ފޮޓޯ އާއި ފެންނަ މަންޒަރާ މުޅިން ތަފާތެވެ. ފެންނަ މަންޒަރުގައި ގައުމީ ކެންޑިޑޭޓު ފެންނަނީ ޕީއެންއެފް ސަޕޯޓަރުންނާއި އެކު އެވެ. ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރިންނާއި އެކު އެވެ. މާލޭ މޭޔަރު އިންތިހާބުގެ ރޭހަށް "ގައުމީ" ކެންޑިޑޭޓު އިސްމާއީލް ޒަރިޔަންދު ފުރަތަމަވެސް ފެނިގެން ދިޔައީ ޕީއެންއެފްގެ ވަރަށް ހާއްސަ ޖަލްސާއަކުންނެވެ. ސިޔާސީ ބޭފުޅަކަށް އެންމެ ފުރަތަމަ "ގައުމީ" ކެންޑިޑޭޓު ޒަރިޔަންދު އެންޑޯޒް ކުރެއްވީވެސް ޕީއެންއެފްގެ ލީޑަރު ރައީސް ޔާމީން އެވެ. ހަމަ އިއްތިފާގުން އެރޭ ގެ ޕީއެންއެފް ޖަލްސާގައި "ގައުމީ" ކެންޑިޑޭޓު ޒަރިޔަންދު ވާހަކަވެސް ދެއްކެވިއެވެ. ދެން ފެނުނީ ކެމްޕެއިން ފަށައިގެން މަންޒަރެވެ. "ގައުމީ" ކެންޑިޑޭޓު ޒަރިޔަންދު ގެ ކެންޕެއިން މައި އޮފީސް ހުންނަނީ ޕީއެންއެފްގެ އެއް ނައިބު ރައީސް ޑރ. ޖަމީލްގެ އާއިލީ ގުޅުން އޮންނަ ޗާންދަނީ މަގުގަ ހުންނަ އިމާރަތެއްގެ ބައެއްގަ އެވެ. ޒަރިޔަންދު ގެ ކެންޕެއިން މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި ފެންނަނީ ޗެނަލް 13 އެވެ. ޗެނަލް 13 އަކީ ޕީއެންއެފް ގެ ލީޑަރު ރައީސް ޔާމީންގެ މަސްލަހަތު އޮންނަ ޗެނެލެކެވެ. މަގުމަތީ ގެ ހަރަކަތްތަކުގައި ޒަރިޔަންދުއާއެކު ފެންނަނީ ޕީއެންއެފް ގެ ސެނެޓު މެންބަރުންނެވެ. ޕީއެންއެޕްގެ ޖަލްސާތަކުގަ ކުރީ ބަރިން ފެންނަ މޫނުތަކެވެ. ޒަރިޔަންދު ގެ މޭޔަރު ރޭހުގައި މިހާތަނަށް "ގައުމީ" ނުވަތަ ގައުމިއްޔަތު ގެ ކުލަ ޖެހިފައިވާ ތަނެއް ނުފެނެ އެވެ. އަދި މުޅީންވެސް ފެންނަނީ "ގައުމީ" ނަން ބޭނުން ކުރައްވައިގެން ޕީއެންއެފްގެ ސަވާރީއެއްގައި ކެމްޕެއިން ކުރައްވާ މަންޒަރެވެ. ކްލަބް ހައުސްގެ ޗެނެލްތަކުން އިވުނު "އަސްލު" ޒަރިޔަންދު އެއީ ޔަގީނުންވެސް ގައުމީ ކެންޑިޑޭޓެވެ. އެކަމަކު އެދުވަހު ކްލަބް ހައުސް އިން އެ ފެނުނު "ގައުމީ" ޒަރިޔަންދު މިއަދު މިވަނީ ޕީއެންއެފްގެ ހިޔަނިން ފަނޑުވެފަ އެވެ. އަސްލު ގެއްލިފައެވެ. އަސްލު އޮޅިފަ އެވެ. މި ހިސާބުން އުފެދޭ ސުވާލަކީ ހަގީގަތުގައި ވެސް ޒަރިޔަންދަކީ "ގައުމީ" ކެނޑިޑޭޓު ހެއްޔެވެ؟ ނޫނީ ޕީއެންއެފްގެ ކެންޑިޑޭޓް ހެއްޔެވެ؟

މައުޟޫޢުތަށް