ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފާސްވެއްޖެނަމަ، ބަޖެޓުގެ މަސައްކަތް އާ މަޖިލީހަށް
އަވަސް
27 ފެބްރުއަރީ 2026 | ހުކުރު | 8:32
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފާސްވެއްޖެނަމަ އާ ސަރުކާރު ހަވާލުވެ ކުރިއަށް އޮންނަ އަހަރަށް ބަޖެޓު އެކުލަވާލުވުމުގެ މަސައްކަތްވެސް އާ މަޖިލީހުގެ ދަށުން ކުރިއަށް ގެންދެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެރާއްޖެ ތަރާވީސް" ގެ ނަމުގައި ޕީއެންސީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވިދާޅުވީ 2024 ވަނަ އަހަރަށް ތަންފީޒުކުރަން ލިބުނީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅައި އޭރު ދައުރު ނުނިމި އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު ކަމަށެވެ. އެހެންވެ، ހިޔާލު ހޯދުމުގެ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުން ނިންމަވައިފިނަމަ މާލިއްޔަތު ގާނޫނަށް ކަމާބެހޭ އިސްލާހު ގެނެސް ބަޖެޓު ފާސްކުރަން މިހާރު ގާނޫނުގައި ކަނޑައަޅާ ތާރީހު ފަސްކުރުމަށް ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. "އެހެންވީމާ 2028ގެ ރިޔާސީ އިންތިހާބުގެ ވޯޓާއި މަޖިލިސް އިންތިހާބުގެ ވޯޓު ނިމިގެން ގޮސް 2028ގެ ޑިސެމްބަރު 1 ވަނަ ދުވަހު އާ މަޖިލިސް ހުވާ ކުރާނެ. އާ މަޖިލިސް އިންތިހާބުވެ މަސައްކަތް ކުރަން ފަށާފަ އެ މަޖިލީހުން ބަޖެޓު ފާސްކުރާ ގޮތަށް ހަމަޖެހިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކުރީގައި އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ ސަބަބުން 2024 ވަނަ އަހަރު ކަންކަން ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅުނު ކަމަށެވެ.