ބ. ދަރަވަންދޫ ހިއްކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
އަވަސް
28 ފެބްރުއަރީ 2026 | ހޮނިހިރު | 6:14
ހަނިފަރު ބޭ ކައިރީގައި އޮންނަ ބ. ދަރަވަންދޫގެ ބައެއް ހިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ދޮގު ކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ 2025 ވަނަ އަހަރުގެ މެދުތެރޭގައި މިކަމުގެ ޕްރިލިމިނަރީ ކޮންސެޕްޓް ދިރާސާ ކުރެވުނު ނަމަވެސް ބ. ދަރަވަންދޫގެ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއަކަށް މިހާތަނަށް ހުއްދަ ދީފައިނުވާ ކަމަށެވެ. މުއްތަލިބް ވިދާޅުވީ އެއީ ހުއްދަ ދެވިފައިވާ މަޝްރޫއެއްނަމަ އެކަމާ ގުޅޭ ގޮތުން ރަށު ކައުންސިލާއެކު ރަސްމީކޮށް މުއާމަލާތް ކުރެވޭނެ ކަމަށެވެ. "ސާފުކޮށް ދަންނަވާނަމަ، އެއްވެސް މަޝްރޫއެއް ފާސްކުރެވިފައެއް ނުވޭ، އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ނުވޭ އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވޭ،" މުއްތަލިބް ވިދާޅުވި އެވެ. ހަނިފަރަކީ ގިނަ އަދަދެއްގެ ފެހުރިއްސާއި އެންމަޑި ޖަމާވާ ސަރަހައްދެކެވެ. ހަނިފަރު ކައިރީގައި އޮންނަ ބ. ދޮންފަނު ހިއްކުމަށް މީގެ ކުރިން ނިންމި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ހަނިފަރު ސަރަހައްދަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ މަޝްރޫއު ހުއްޓާލުމަށް ގިނަ ބަޔަކު ގޮވާލި އެވެ. އަދި މަޝްރޫއު ހުއްޓާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފެށި އެވެ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާ ކަމަށެވެ.