ޕާކިސްތާނާއެކު މަޝްވަރާކުރަން ތައްޔާރު: އަފްގާނިސްތާން
އަވަސް
28 ފެބްރުއަރީ 2026 | ހޮނިހިރު | 6:38
ޕާކިސްތާނާއެކު މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށް އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ހާމަކޮށްފި އެވެ.
ތާލިބާން ސަރުކާރުން މިހެން ބުނީ ދެ ގައުމުގެ ދެމެދުގައި "ހަނގުރާމަ" އެއް ފެށިފައިވާ ކަމަށް ބުނެ ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްގާނިސްތާނުގެ ބޮޑެތި ސިޓީތަކަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. ހުކުރު ދުވަހު ޕާކިސްތާނުން ވަނީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އާއި ތާލިބާން ލީޑަރުން ތިބޭ ކަންދަހާރުގެ އިތުރުން އެހެނިހެން ރަށްތަކަށްވެސް ހަމަލާދީފަ އެވެ. މި ހަމަލާތަކާ ގުޅިގެން ބޯޑަރު ސަރަހައްދުގައި ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. މި ހަމަނުޖެހުންތަކުގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާލިބާން ސަރުކާރާއެކު މިހާރު މިއޮތީ ފުރިހަމަ ކުރިމަތިލުމަކަށް ގޮސްފައި ކަމަށާއި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތީ ހަނގުރާމައެއް ކަމަށެވެ. އަފްގާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ މި ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ޕާކިސްތާނާއެކު މަޝްވަރާކުރުމަށް ތާލިބާން ލީޑަރުން ތިއްބެވީ ތައްޔާރަށް ކަމަށެވެ.