އީރާން ސަރުކާރާ ހަވާލުވާން ތައްޔާރުވާން ޓްރަމްޕް ގޮވާލައިފި
އަވަސް
28 ފެބްރުއަރީ 2026 | ހޮނިހިރު | 1:40
އީރާނުގެ ސަރުކާރާއި ހަވާލުވުމަށް ތައްޔާރުވުމަށް އެ ގައުމުގެ ރައްޔިތުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާ ދޭން ފަށާފައިވާއިރު ޓްރަމްޕް ވިދާޅުވީ އީރާނުގެ ރައްޔިތުން މިނިވަންވުމުގެ ވަގުތު ގާތްވެއްޖެ ކަމަށެވެ. މި ވަގުތު ގޭގައި މަޑުކުރުމަށާއި ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށް ޓްރަމްޕް ވިދާޅުވީ ބޭރު މިވަގުތު ވަރަށް ނުރައްކާ ކަމަށާއި ކޮންމެ ތަނަކަށްވެސް ބޮން އެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. "އަހަރެމެންގެ މި މަސައްކަތް ނިމުމުން ވެރިކަމާ ހަވާލުވާންވީ،" ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވީ މިއީ އެތައް ޖީލެއްގެ ތެރޭގައި މިއީ ލިބޭ ހަމައެކަނި ފުރުސަތަށް ވެދާނެ ކަމަށެވެ. މިކަން ކުރަން ކެރުނު ރައީސަކު މީގެ ކުރިން ނެތް ކަމަށާއި އީރާނުގެ ރައްޔިތުން އެދޭ ކަންކަން ފުއްދައިދޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.