ޓޫރިޒަމް ސިނާއަތް ރައްކާތެރިކުރަން އެކުގައި މަސައްކަތް ކުރަންޖެހޭ: މަޓާޓޯ

އަވަސް

1 މާރިޗު 2026 | އާދިއްތަ | 9:01

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓޫއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާއިރު މަޓާޓޯއިން ނެރުނު ބަޔާނެއްގައި ވަނީ ބައިނަލްއަގުވާމީ ދަތުރުތަކަށް ހުރަސްތައް ކުރިމަތިވެ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާކަން ފާހަގަކޮށްފަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ނުރައްކާތައް ވަޒަން ކުރަމުންދާ ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. މި ނުތަނަވަސް ދަނޑިވަޅުގައި މަޓާޓޯ އޮތީ ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ބައިވެރިންނާ އެކުގައި ކަމަށް މަޓާޓޯ އިން ބުނެފައިވެ އެވެ. މަޓާޓޯ އިން ބުނީ މި ސިނާއަތް ރައްކާތެރިކޮށް، ރާއްޖެއަކީ އިތުބާރު ހުރި މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ދެމެހެއްޓުމަށްޓަކައި އެއްބައިވަންތަކަމާއި ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މާޒީގައި ވެސް ދުނިޔެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކާމިޔާބުކަމާއެކު އަރައިގަނެފައިވާކަން ފާހަގަކޮށް މަޓާޓޯ އިން ބުނީ ސާބިތުކަމާއެކު ގުޅިގެން ކުރާ މަސައްކަތުން މި ހާލަތުން އަރައިގަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަން ކަށަވަރުކުރާނެ ކަމަށްވެސް މަޓާޓޯ އިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް