ހަމަލާ އަމާޒުވެފައިވާ ގައުމުތަކުގައި އުޅޭ ދިވެހިން ބޭރުގައި ނޫޅެން އިލްތިމާސްކޮށްފި

އަވަސް

1 މާރިޗު 2026 | އާދިއްތަ | 5:56

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި ތިބި ދިވެހިން އެ ގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރި ކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ. އެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށެވެ. އެހެންވެ ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެ އެވެ.

އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ހަމަލާދިނުމުން ރައްދުގައި އީރާނުން ދަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އެ ގޮތުން ޔޫއޭއީ އާއި ގަތަރުގެ އިތުރުން ކުވެއިތު އަދި ބަހުރޭނަށްވެސް ހަމަލާދީފައިވެ އެވެ.

މައުޟޫޢުތަށް