ނުފުރި ތިބި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެނީ
އަވަސް
1 މާރިޗު 2026 | އާދިއްތަ | 6:16
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި އިއްޔެ ފެށި ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން އެ ސަރަހައްދަށް ދަތުރުކުރުން އެއާލައިންތަކުން ވަނީ ހުއްޓާލާފަ އެވެ. އެ ގޮތުން ރާއްޖެއިން ނުފުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންނާ މިނިސްޓަރު ތޯރިގު ރޭ ވަނީ ބައްދަލުކުރައްވާފަ އެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ ފްލައިޓްތައް ކެންސަލްވާން ފެށި ހިސާބުން ފަތުރުވެރިންނަށް އެމީހުން އަނބުރާ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދިން ކަމަށެވެ. މީގެ އިތުރުން ޓިކެޓް ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި އަނބުރާ ގައުމަށް ދާން ބޭނުންވާ ފަތުރުވެރިންނަށް އެކަންކަން ހަމަޖައްސައި ދެމުންދާ ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ. ހާލަތު ބަދަލުވާ ގޮތް ބަލަން އެއާޕޯޓުގައި މަޑުކުރަން ބޭނުންވާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން ފަތުރުވެރިން ތިބީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލް އާއި ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގަ އެވެ.