އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން
އަވަސް
2 މާރިޗު 2026 | ހޯމަ | 6:00
މާލޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
މީހުން ދިރިއުޅޭ މިގޭގައި ހިނގި މި ހާދިސާގެ ރިޕޯޓް ދަންވަރު 03:06 ހާއިރު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާއެކު، މާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ 04:12 ހާއިރު އެވެ. މި ހާދިސާގައި މި ގޭގެ އެކިބައިތަކަށް ގެއްލުން ލިބުނުއިރު މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ މއ. ސިޓީވިލާ ގޭގަ އެވެ. ނަމަވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ މއ. ރިމްލާސް ގަ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި އަލިފާނުގެ ހާދިސާގައި އެގޭގައި ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެހެންވެ އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.