އެމްޑަބްލިޔުއެސްސީގެ އީ-ޕޯޓަލް އަދި އެޕުން ބިލް ދައްކައިގެން އުމްރާ ދަތުރެއް
އަވަސް
2 މާރިޗު 2026 | ހޯމަ | 12:26
އެމްޑަބްލިޔުއެސްސީގެ އެޕް އަދި އީ-ޕޯޓަލް މެދުވެރިކޮށް ގަވާއިދުން ފެން ބިލަށް ފައިސާ ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ކޮންމެ މަހަކު 3،000 ރުފިޔާ އަދި އުމްރާ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް "ހަދިޔާ ބަދިޔާ" ގެ ނަމުގައި އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއިއެކު ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީގެ އެޕް އަދި އީ-ޕޯޓަލްއަށް އަހުލުވެރިކޮށް އެޕް އަދި އީ-ޕޯޓަލް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ. ބިލް ދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް އަދި އީ-ޕޯޓަލް މެދުވެރިކޮށް ބިލް ދެއްކުމުން ވަގުތު ސަލާމަތްވެގެންދާނެ އެވެ. އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މޭ 31، 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި އުމްރާ ދަތުރަށް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް އިއުލާންކުރާ ތާރީހުން ފެށިގެން އެމްޑަބްލިޔުއެސްސީއިން ދޭ މުއްދަތުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ޖެހެ އެވެ. އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ. އެމްޑަބްލިޔުއެސްސީ އިން ބުނީ ނަސީބުވެރިން ހޮވުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ގުރުއަތުލުން ކުރިއަށްދާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި ނަސީބުވެރިންގެ މައުލޫމާތު ރަސްމީކޮށް އިއުލާނުކުރުމުގެ އިތުރުން އެ ފަރާތްތަކަށް ސީދާ ގުޅައިގެން އެކަން އަންގާނެ ކަމަށްވެސް ބުންޏެވެ. އެމްޑަބްލިޔުއެސްސީ އިން ބުނީ ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިއުލާނުކުރާނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓް އަދި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކަމަށާއި ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީހު ކަސްޓަމަރުންނާ ފަހުން ހިއްސާކުރެވޭނެ ކަމަށެވެ. ޑިޖިޓަލްކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން ތަޖުރިބާކޮށް މި ޕްރޮމޯޝަންގެ ދަށުން ހުށަހެޅިފައިވާ އަގުހުރި އިނާމުތައް ހޯދުމަށް އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބައިވެރިވެ ފުރުސަތުގެ ބޭނުން ހިފުމަށް ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްކޮށްގެން ލިބޭނެ އެވެ.