ފޯޅަވަހި ލިބުން އެންމެ ހައްގުކަން ބޮޑީ ރާއްޖެއަށް: ރައީސް

އަވަސް

2 މާރިޗު 2026 | ހޯމަ | 3:18

ފޯޅަވަހި (ޗާގޯސް) ލިބުން އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ފޯޅަވައްސަކީ، ދިވެހިންނާ ގުޅުންހުރި ތަނެއްކަމުގެ ތާރީހީ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ. އެ ގޮތުން ފޯޅަވަހީގެ ޗާޓަކާއެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓީފުޅެއް އެބައޮތްކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ފޯޅަވަހި ލިބުން ހައްގުވެރި ގައުމަކާ އެތަން ހަވާލުކުރާނަމަ އެތަން ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށާއި މިހާރު ފޯޅަވަހި އޮތްގޮތަށް އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތުން ފިޔަވައި، ދުނިޔޭގެ އެއްވެސް ގައުމަކާ ފޯޅަވަހި ހަވާލު ކުރާނަމަ، އެތަން އެންމެ ހައްގުކަން ބޮޑީ ރާއްޖެއަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ފޯޅަވަހި ހޯދުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ރާއްޖެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެކަމާ ގުޅޭ ދެސިޓީފުޅެއް ފޮނުއްވައި އިނގިރޭސި ބޮޑުވަޒީރާއެކު ފޯނުން މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުއިއްޒު ވަނީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނައުތަށް އޮގަސްޓް 22، 2022ގައި ފޮނުއްވި ސިޓީ އަނބުރާ ގެންނަވާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް