މޮނިޓަރުންނާއި އޮބްޒާވަރުންނަށް އިތުރު ފުރުސަތެއް
އަވަސް
3 މާރިޗު 2026 | އަންގާރަ | 7:13
ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއެކު، ރައްތިޔުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އެޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަވީރު 3:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އީސީ އިން ބުނި ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓާކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިހާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 މޮނީޓަރަކަށް ކަމަށެވެ. ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމާއަތްތަކަށް ފާސްދޫކުރެވޭނީ އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމްޢިއްޔާއަކަށް އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސެންޓް އިތުރުނުވާ ގޮތަށް ކަމަށާއި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަށް ކަމަށެވެ.