ލޯނަށް ކުރި ހޭދައާއެކު ހަރަދު 6.9 ބިލިއަނަށް
އަވަސް
4 މާރިޗު 2026 | ބުދަ | 5:43
ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު 6.9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިއީ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުގެ އިތުރުން ލޯނު ދެއްކުމަށް ކުރި ހޭދަ އާއި އިންވެސްޓްމެންޓްސް އަދި ލެންޑިންގްސް ހިމެނޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 8.6 ބިލިއަން ރުފިޔާގަ އެވެ. ރިކަރަންޓް ހަރަދު މި އަހަރު 5.4 ބިލިއަން ރުފިޔާގައި ހުރިއިރު ކެޕިޓަލް ހަރަދު ހުރީ 434 މިލިއަން ރުފިޔާގަ އެވެ. އާމްދަނީގެ ގޮތުގައި މި އަހަރު 7.7 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ ހަ ބިލިއަން ރުފިޔާ އެވެ. ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަޖެޓް ޕްރައިމަރީ ބެލެންސް ހުރީ މި އަހަރު ހުރީ 2.2 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ. އަދި އޯވައޯލް ބެލެންސް ހުރީ 1.8 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ. ބަޖެޓް ޕްރައިމަރީ ބެލެންސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ އެއް ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ.