މިއަހަރު 7 ރިސޯޓް ހުޅުވަނީ

އަވަސް

4 މާރިޗު 2026 | ބުދަ | 11:11

މިއަހަރު ނިމުމުގެ ކުރިން ހަތް ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އޮފީހުގައި ނޫސްވެރިނންަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ އަލަށް ހުޅުވާ ހަތް ރިސޯޓު މެދުވެރިކޮށް 1،000 އެނދު މާކެޓަށް އިތުރުވާނެ ކަމަށެވެ. ތޯރިގު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓޫރިޒަމުގެ ބޭނުމަށް 31 ތަނެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. ޓޫރިޒަމުގެ ފައިދާ އެންމެންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ރިސޯޓު މަދު އަތޮޅުތަކުގައި ރިސޯޓްތައް އިތުރުކުރުމަށްޓަކައި ޓޫރިޒަމްގެ ދާއިރާ އިން ރަނގަޅު ލުއިތަކެއް މިހާރު ދީފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. "މި ސަރުކާރު އައި ފަހުން ކްލޯޒް ބިޑިންގެ ދަށުން ފަތުރުވެރިކަމަށް 16 ތަނެއް ވަނީ ކުއްޔަށް ދޫކުރެވިފައި. ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް 11 ތަނެއް ވަނީ ކުއްޔަށް ދޫކުރެވިފައި. އަދި އޯޕަން ބިޑިންގެ ދަށުން 4 ތަނެއް ވަނީ ކުއްޔަށް ދޫކުރެވިފައި،" ތަފްސީލް ދެއްްވަމުން މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 914 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ އަންނަނީ ހިންގަމުންދާއިރު މި ތަންތަނުގައި ޖުމްލަ ހުރީ 67،047 އެނދެވެ.

މައުޟޫޢުތަށް