ހުޅުމާލެރަން 2026ގެ ޓައިޓަލް ސްޕޮންސަރަކަށް އެލައިޑް އިންސުއަރެންސް
އަވަސް
4 މާރިޗު 2026 | ބުދަ | 1:51
އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ހުޅުމާލެ ރަން 2026" ގެ ޓައިޓަލް ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.
"އެލައިޑް ހުޅުމާލެ ރަން 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 22، 2026 ގައި ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުން ނުހަނު ބޮޑު އިންތިޒާރެއް ކުރަމުން އަންނަ، ރާއްޖޭގައި ބޭއްވޭ ފާހަގަކޮށްލެވޭ އެއް ދުވުމެވެ. މި ދުވުމުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނެހެން ފޯރިގަދަ ހަތަރު ކެޓަގަރީއެއް ހިމަނާފައިވެ އެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ 1 މައިލް ފެމިލީ ރަން، 5 ކިލޯމީޓަރުގެ ދުވުން، 10 ކިލޯމީޓަރުގެ ދުވުން އަދި ތަޖުރިބާކާރު ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ 21 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެ އެވެ. ޖުމްލަ 2,500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މި ދުވުމަކީ އިޖުތިމާއީ އެއްބައިވަންތަކަމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ދައްކުވައިދޭނެ ހަރަކާތެކެވެ. އެލައިޑް ހުޅުމާލެ ރަން 2026ގެ ހާއްސަވާ އެއްކަމަކީ ހުރިހާ ދުވުންތެރިންވެސް މި ދުވުމުގައި ދުވާނީ އެލައިޑް އެކްސިޑެންޓަލް ކަވާއަކާއި އެކުގައި ކަމެވެ. އެލައިޑުން ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވުންތެރިއަކަށްވެސް މިފަދަ ހަރަކާތްތަކުގައި ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިންމުކަމެކެވެ. މީގެ އިތުރުން، މި ދުވުން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން، ދުވުމުގެ އެކި ކެޓަގަރީތަކުން ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އެލައިޑްގެ ފަރާތުން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި އެލައިޑް ހެލްތު ކަވަރޭޖާއި އަހަރީ ޓްރެވަލް ކަވަރޭޖް ހިމެނެ އެވެ. މިއީ ދުވުން ނިމުމަށްފަހު ވެސް، ބައިވެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެލައިޑުން ބަހައްޓާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. އެލައިޑް ހުޅުމާލެ ރަން އަކީ ހަމައެކަނި ދުވުމުގެ މުބާރާތެއް ނޫނެވެ. މިއީ އެންމެން ގުޅިގެން ހާސިލުކުރެވޭނެ ކަންތައްތައް ފާހަގަކޮށް އިޖުތިމާއީ ރޫހު އާލާކުރާ ހަރަކާތެކެވެ. އެލައިޑުން ބުނީ މެއި 22 ގައި ބާއްވާ ދުވުމަށް ތައްޔާރުވާ ކޮންމެ ދުވުންތެރިއަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެލައިޑުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.