އަނބިމީހާ/ފިރިމީހާގެ ގޯތި އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހަދައިފި
އަވަސް
4 މާރިޗު 2026 | ބުދަ | 3:39
ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ އާ ޕްރޮގްރާމެއް އިއުލާނުކޮށްފި އެވެ.
މިކަމާގުޅޭ އުސޫލު ގެޒެޓްކޮށްފައިވާއިރު މި އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 8 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފަ އެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.