އުމްރާއަށް ނުފުރުނު މީހުންނަށް ފުރޭނެ އިންތިޒާމު ހަމަޖައްސަނީ

އަވަސް

5 މާރިޗު 2026 | ބުރާސްފަތި | 9:04

ރާއްޖެއިން އުމްރާއަށްދާ މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ނުފުރުނު މީހުންނަށް އުމްރާއަށް ފުރޭނެ އިންތިޒާމު ހަމަޖައްސަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް ނުފުރިފައިވުމާއި ބައެއް ގައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް އެ ގައުމުތަކުގެ ފްލައިޓްތައް ކެންސަލްވުމުން ނުފުރިފަ ތިބި ފަރާތްތައް އުމްރާއަށް ފުރުވޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. "(އުމްރާއަށް ނުފުރުނު މީހުންނަށް) ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ފަށާފައިވާ ވާހަކަ ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ މިހާތަނަށް 150 މީހުން ފުރަން ބޭނުންވެފަ ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާއި ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެ އިތުރުން ވެސް ޖާގަ އެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެ ކަމަށެވެ. "ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުވޭތޯ މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ. އަމިއްލަ އުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ.

މައުޟޫޢުތަށް