އަލްއަބްރާރު ކުންފުނީގެ އުމްރާ ހުއްދަ ހިފަހައްޓައިފި

އަވަސް

5 މާރިޗު 2026 | ބުރާސްފަތި | 9:48

އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުންޏަށް ދޫކޮށްފައިވާ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުނިން މިމަހުގެ ތިންވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ރަމަޟާން އުމްރާ ކުރުމަށް ހަމަޖައްސާފައިވާ އުމްރާ ދަތުރަށް ސައޫދީ އަރަބިއްޔާއަށް ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެ ދަތުރު ކެންސަލް ކޮށްފައިވާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބުނު ކަމަށެވެ. މި މައްސަލައިގައި މިނިސްޓްރީން މިހާތަނަށް ސާފުކުރި މައުލޫމާތުތަކަށް ބަލާއިރު އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުނިން އެ އުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި އަދި ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފަށް ކަމަށެވެ. އެހެންވެ އެ ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން ކުންފުންޏަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން ބުނީ މިކަމާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން އުމްރާއަށްދާ އުމްރާވެރިންގެ ތެރެއިން މިހާތަނަށް އުމްރާގެ އަޅުކަމަށް ނުފުރިތިބި އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ގޮތްތަކަކީ ކޮބައިތޯ ބަލައި އެ ހިދުމަތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް