އާރްޓީއެލް ފެރީގެ ހިދުމަތް މިމަހު ދެ އަތޮޅެއްގައި ފަށަނީ
އަވަސް
5 މާރިޗު 2026 | ބުރާސްފަތި | 9:49
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މ. އަތޮޅާއި ލ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މ. އަތޮޅާއި ލ. އަތޮޅުގައި މިމަހުގެ ތެރޭގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އާރުޓީއެލް ފެރީގެ ހިދުމަތް އެންމެ ފަހުން ފެށީ ފ. އަތޮޅާއި ދ. އަތޮޅުގައެވެ. އެ ދެ އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ފެށީ މިދިޔަ މަހުުގެ 17 ވަނަ ދުވަހު އެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ޖުމްލަ 14 އަތޮޅަކަށް ލިބެމުންދެ އެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ޅ، ފ، ދ، ތ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ ހިމެނެ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ. ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ. ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ. އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ނެގެ އެވެ.