ފަތުރުވެރިންގެ އަދަދު 500،000އަށް
އަވަސް
6 މާރިޗު 2026 | ހުކުރު | 10:19
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 502،252 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 461،839 ފަތުރުވެރިންނަށްވުރެ 8.8 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެއަށް ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއެކު މިމަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.
ފަތުރުވެރިންގެ ތެރެއިން 489،699 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 1،792 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 1،769 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1،332 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.