އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަދު "އަމާން ކޮމިއުނިޓީ ރޯދަވީއްލުން" ބާއްވަނީ

އަވަސް

7 މާރިޗު 2026 | ހޮނިހިރު | 2:40

ހުޅުމާލޭ ފޭސް 2ގައި އިމާރާތްކޮށްފައިވާ "އަމާން" އުދަރެސް ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން މިއަދު ކޮމިއުނިޓީ ރޯދަ ވީއްލުމެއް ބޭއްވުމަށް އެޗްޑީސީ އާއި އެފްޑީސީން ތައްޔާރުވެއްޖެ އެވެ.

ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައްވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި ރޯދަވީއްލުން އޮންނާނީ، މިއަދު ހަވީރު 05:00 އިން ފެށިގެން 06:45 އަށް، ހުޅުމާލޭ ފޭސް 2 ގެ ދުނބުރިގަސް މަގު -- އުދަރެސް ޓަވަރު 11 އަދި 13 ކުރިމަތީގަ އެވެ. އެޗްޑީސީ އާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ އަހަރުވެސް ވަނީ ރޯދަވީއްލުންތަކެއް ބާއްވާފަ އެވެ. އެގޮތުން މިއަހަރުވެސް މި ހަރަކާތް ކުރިއަށްގެންދަން އެޗްޑީސީން ނިންމާފައިވާއިރު، މިއަދު ބޭއްވިގެން މިދަނީ މިފަދަ ފުރަތަމަ ރޯއްދަވީއްލުމެވެ. އަދި ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ހުޅުމާލޭގެ އެހެން ސަރަހައްދުތަކުގައި ރޯދަވީއްލުން ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. އެޗްޑީސީ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

މައުޟޫޢުތަށް