އައްޑޫއަށް އޮތީ ރަން ޒަމާނެއް: ރައީސް

އަވަސް

7 މާރިޗު 2026 | ހޮނިހިރު | 11:30

އައްޑޫއަށް ކުރިއަށް އޮތީ ރަން ޒަމާނެއް ކަމަށްވާތީ އެ ސިޓީގައި އިންވެސްޓް ކުރުމަށް ތައްޔާރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު މިއަހަރު އިއްވި ރިޔާސީ ބަޔާނުގައިވާ ގޮތުގެ މަތިން އައްޑޫއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް ހެދުމަށްޓަކައި އެކަމާ ގުޅޭ ގާނޫނީ އަދި އިދާރީ މަސައްކަތްތައް މިއަހަރު ނިންމާނެ ކަމަށެވެ. "އައްޑޫސިޓިއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް، އިތުރުފަރާތްތައް އިންވެސްޓްކޮށް ކުދި އަދި މެދުފަންތީގެ އެކިކަހަލަ ވިޔަފާރިތަކަށް އިންވެސްޓްކުރާނެ ރަން ޒަމާނަކަށް އެ ތިން އަހަރު ހެދުމަށްޓަކައި ބިމު ކުއްޔާއި، ޓެކްސް ފްރީކޮށް، ޓެކްސް ފްރީ ޒޯނަކަށް ހަދައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަރައިގެން ދިއުމުގެ ވަރަށް ފުރިހަމަ ފުރުސަތުތަކެއް 1 ޖެނުއަރީން 2027 އިން ފެށިގެން ތިން އަހަރަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ތަކުރާރުކޮށް ވިދާޅުވީ އިންވެސްޓަރުންގެ ހަބަކަށް އައްޑޫ ހެދުމަށްޓަކައި އެކަމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު މިއަހަރު ނިންމާނެ ކަމަށެވެ. އެހެންވެ އެމަނިކުފާނު އެދިވަޑައިގަތީ އައްޑޫގައި އިންވެސްޓް ކުރުމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސްއެޅޭނެ އެއް ބަޔަކީ ރަށްރަށުގެ ކައުންސިލްތައް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރަށްރަށުގެ ބިންތަކަކީ ކައުންސިލްގެ ބެެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމަށްވާތީ ބިން ދިނުން ލަސްކުރާ ކަމަށްވާނަމަ މަސައްކަތްތަކަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން ރައީސް އެދިވަޑައިގަތީ ސަރުކާރާ އެކު މަސައްކަތް ކުރެވޭނެ މޭޔަރެއް އަދި ކައުންސިލަރުންތަކެއް އައްޑޫ އިން އިންތިހާބުކޮށްދިނުމަށެވެ. ކުރިން އިދިކޮޅު އެމްޑީޕީގައި އިސްކޮށް އުޅުނު އައްޑޫ ސިޓީއަށް ނިސްބަތްވާ ބައެއް މީހުން ވަނީ މިޖަލްސާގައި ޕީއެންސީއަށް ސޮއި ކޮށްފަ އެވެ.

މައުޟޫޢުތަށް