އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރީ މިސަރުކާރު: ރައީސް

އަވަސް

7 މާރިޗު 2026 | ހޮނިހިރު | 11:35

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ދަ ގްރޭޓަ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރުގައި، ނަތީޖާއިން މި ސަރުކާރުން ވާނީ މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ސަރުކާރުކަން ދައްކުވައިދީފައި ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މިއަދާ ހަމައަށް އައިއިރުގައި ތަރައްގީ ކުރުމަށްޓަކައި ކުރެވުނު ކަމެއްވިއްޔާ ކުރައްވާފައިވާނީ މިސަރުކާރުން ކަމުގައިވެސް ވިދާޅުވި އެވެ. "އެގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހައްދަވައިދެއްވީވެސް މިސަރުކާރުން. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަގާމަކަށް ބަދަލުކުރީވެސް މިސަރުކާރުން،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ކައުންސިލްގެ ބަޖެޓުން ލިބެމުން އައި ފަހެއް އިންސައްތައިގެ ބަދަލުގައި ދިހައެއް އިންސައްތައަށް ޑަބަލްކޮށްދިނީވެސް މިސަރުކާރުގައި ކަމަށެވެ. މީގެއިތުރުން ރޯދަ އިނާޔަތް ދެވޭނީ މި ބޮޑުކުރެވުނު ދިހައެއް އިންސައްތައިގެ ތެރެއިން ނޫން ކަމަށާއި، ކައުންސިލްގެ ބަޖެޓުން ކަމުގައި ކަނޑައެޅީވެސް މިސަރުކާރުގައި ކަމަށެވެ. ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީވެސް މިސަރުކާރުން ކަމަށެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެކިއެކި ލޯނުތައް ދޫކުރުމުގެ މަސައްކަތާއި އެކި ގޮތްގޮތުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރުމާއި އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރިއަށް ގެންދަންހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އަދި ވިމެން އެންޕަވަމަންޓް މެއިންސްޓްރީމް ކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާއި ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް