މިމަހުގެ ފަތުރުވެރިންގެ އަދަދު 23 ޕަސެންޓް ދަށަށް

އަވަސް

8 މާރިޗު 2026 | އާދިއްތަ | 12:01

ރާއްޖެއަށް މިމަހުގެ ފުރަތަމަ ހަތް ދުވަސް ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 23.4 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ ބައެއް ފްލައިޓްތައް ކެންސަލްވުމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެ އައީ 34،908 ފަތުރުވެރިންނެވެ. ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި 45،959 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ހަނގުރާމައިގެ ސަބަބުން މިއަދުވެސް ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފަ އެވެ. މީގެ ތެރޭގައި ފްލައި ދުބާއީ އާއި އެއާ އަރަބިއްޔާ އާއި އިއްތިހާދު އެއާވޭސްގެ އިތުރުން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އަދި ގަލްފް އެއާ ހިމެނެ އެވެ. މި މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 8 ޕަސެންޓް އިތުރުވެފަ އެވެ.

މައުޟޫޢުތަށް