ދެ އިންތިހާބު އެއްކޮށްލައިގެން ރައީސަށް ލިބޭނީ ލަނޑެއް: ސޯލިހް
އަވަސް
8 މާރިޗު 2026 | އާދިއްތަ | 12:08
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައިގެން ރައީސް ޑރ މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ ލަނޑެއް ކަމުގައި ކުރީގެ ރައީސް އިބްރަހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހުރި ގޮތުގެ ވޯޓެއް ނަގަން ސަރުކާރު ތައްޔާރުވަމުންދާއިރު އެކަން ކުރަންޖެހޭ މަގުސަދެއް އަދިވެސް ރައްޔިތުންނަށް ސާފު ނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެނގެންޖެހޭ ކަންކަން ނޭނގި އެވަރުގެ ބޮޑު ކަމެއް ނިންމައިފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ލިބިވަޑައިގަންނަވާނީ ރައީސް މުއީސް މުއިއްޒަށް ކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހް ވިދާޅުވީ ގާނޫނުއަސާސީގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބާއްވާ ގޮތަށް ލިޔެފައިވަނީ އޮޅުމަކުން ނޫން ކަމަށާއި އެއީ ތަރުތީބެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ބޮޑު ދެ އިންތިހާބު އެއްކޮށްލައި މަޖިލީހުގައި ބާރު އޮތަތީވެ ގާނޫނުއަސާސީއަށް ބޭނުންހާ އިސްލާހެއް ގެނައުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ނޫން ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ލަނޑެއް ލިބުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ގާނޫނުއަސާސީ އިސްލާހު ކުރި ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ދިނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވެދާނެ ކަމަށް ބަލައި މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް ބާރުތައް ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ. އެކަމަކު އެކަން ނިމިގެން ދިޔައިރު ވެރިކަން އެމްޑީޕީއަށް ލިބި، މަޖިލީހުގެ ބާރު ލިބުނީ ރައީސް މައުމޫނަށް ކަމަށް ވިދާޅުވި އެވެ. މާޒީގެ އެފަދަ ކަންކަމުން މިސާލު ނަގަންޖެހޭ ކަމަށާއި ކަމެއް ކުރާއިރު ހަމައެކަނި ތިމާއަށް ފައިދާވާ ގޮތަށް ކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. "ރައީސް މުއިއްޒު މިއަދު އެ ގެންނަވާ އިސްލާހުން ހަމަ ފަހަރުގައި އެ މަނިކުފާނަށްވެސް 2028ގައި ބޮޑު ލަނޑެއް ލިބުމަކީ އެކަށީގެންވާ ކަމެއް،" އިބޫ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހު ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމުގެ ވޯޓު އޮންނާނީ ކުރިއަށް އޮތް އޭޕްރީލް 4 ވަނަ ދުވަހު އެވެ. އެ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުންވެސް އޮންނާނެ އެވެ.