އެލައިޑް ތަކާފުލް އިން "ކަމަނަ ތަކާފުލް"ގެ ހާއްސަ ޕްރޮމޯޝަނެއް

އަވަސް

8 މާރިޗު 2026 | އާދިއްތަ | 1:10

އެލައިޑް ތަކާފުލްގެ ފަރާތުން "ކަމަނަ ތަކާފުލް" ގެ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މޭ 7، 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކަމަނަ ތަކާފުލް ޕްލޭނެއް ނަންގަވާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބިގެންދާނެ ކަމަށް އެލައިޑުން ވަނީ ބުނެފަ އެވެ. "ކަމަނަ ތަކާފުލް" އަކީ އަންހެނުންނަށް ހާއްސަކޮށްގެން، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރިކަމާއި ފައިސާ ރައްކާކުރުމުގެ (ސޭވިންގްސް) ޕްލޭނެކެވެ. މި ޕްލޭންގައި މާލީ ރައްކާތެރިކަމާއި ދިގުމުއްދަތުގެ ސޭވިންގްސްގެ ފައިދާތައް އެކުލެވިގެންވެ އެވެ. މީގެ އިތުރުން، މި ޕްލޭނަކީ ފައިސާ ރައްކާކުރުމާއި، ރައްކާތެރިކަމާއި، ލުއިފަސޭހަކަން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މީގެ ސަބަބުން އަންހެނުންނަށް އެމީހުންގެ އާއިލާ ރައްކާތެރިކުރުމާއެކު، އަމިއްލަ މާލީ މުސްތަޤްބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ލިބިގެންދާނެ އެވެ. ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ ކަމަނަ ތަކާފުލް ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަމާއި ދިގު މުއްދަތުގެ ރައްކާތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ފޯރުކޮށްދިނުން ކަމަށް އެލައިޑުން ވަނީ ބުނެފަ އެވެ. އެލައިޑް ތަކާފުލްއިން ގަބޫލުކުރާ ގޮތުގައި އަންހެނުންގެ ބާރުވެރިކަން ފެށެނީ ފައިސާ ރައްކާކޮށްދޭ، ރައްކާތެރިކަން ކަށަވަރުކޮށްދޭ، އަދި އަންހެނުންނާއެކު ކުރިއަރާނެ ފަދަ ހަރުދަނާ މާލީ ރޭވުމެއް އޮތުމުންނެވެ. ކަމަނަ ތަކާފުލްގެ ދަށުން މި ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިވާ ފަރާތްތައް ރައްކާކުރި ފައިސާއާއި އެ ފައިސާއިން ލިބުނު ފައިދާ އަނބުރާ ލިބިގެންދާނެ އެވެ. މީގެ އިތުރުން، މި ޕްލޭންގައި "އިމަޖެންސީ ފަންޑް" އެއް ހިމެނެ އެވެ. މީގެ ސަބަބުން ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ އަދަދުގެ 5 ޕަސެންޓާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދެ އެވެ. މިއީ ދިގުމުއްދަތުގެ ސޭވިންގްސް އަށް ބުރޫނާރާނެހެން، ކުއްލިއަކަށް ކުރިމަތިވާ މާލީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މިއާއެކު، މި ޕްލޭނަކީ މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި، އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. މި ޕްލޭންގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން، އަންހެނުންގެ ސިއްހަތާއި މާލީ ދުޅަހެޔޮކަމަށް އެލައިޑް ތަކާފުލްއިން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން، ކަމަނަ ތަކާފުލްގެ ބައިވެރިންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. އެލައިޑް ތަކާފުލްގެ މަގްސަދަކީ، އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް އިތުބާރާއި ހިތްހަމަޖެހުމާއެކު މުސްތަޤްބަލު ރޭވުމަށް އެހީތެރިވެދޭނެ ފަދަ، ރައްކާތެރިކަން ކަށަވަރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.

މައުޟޫޢުތަށް